އެމަނިކުފާނަކީ އިންޑިއާއާ ދެކޮޅު ބޭފުޅެއް ނޫން ކަަމަށާއި، ރާއްޖެއާ ”އެއްކޮޅު“ ބޭފުޅެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ލީޑަރު މިހެން ވިދާޅުވެފައިވަނީ ”މޯލްޑިވްސް ވޮއިސް“އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާއި، އެގައުމުން ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ކަންކަމަށް ނުފޫޒު ފޯރުވުމަކީ އިންޑިއާއާ މެދު އޮތް ހަމައެކަނި މައްސަލަތައް ކަމަށް ރައީސް ޔާމީން ވަނީ ފާހަގަކުރައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި، އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާ-ރާއްޖެ ގުޅުން ހީނަރުވެގެން ދިޔައީ، އެ ދެބޭފުޅުންނަކީވެސް ގައުމީ ފިކުރުގެ ދެބޭފުޅުންނަށް ވެފައި، އިންޑިއާއިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރަށް އުނިކަން އަންނަ ގޮތަށް އަމަލު ކުރަމުން ދިޔުމުން ކަމަށެވެ.
އަހަރުމެންގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުން، އަހަރުމެންގެ ހާރިޖީ ސިޔާސަތުގެ ތެރެއަށް ވަނުން، އެއީ ބަލައިގަނެވޭނެ ކަންކަމެއް ނޫން. އެހެންވެ ކަންނޭނގެ އަޅުގަނޑުގެ ވެރިކަމުގައި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވީ.
ރައީސް ޔާމީން ވިދާޅުވީ ދިވެހީންނަށް އެހީވުމުގެ ގޮތުން ކަމަށް ބުނެ، އިންޑިއާގެ އަސްކަރިއްޔާގެ މީހުން ރާއްޖޭގައި ވަޒަންވެރިކޮށްގެން އުޅުމަކީވެސް އެމަނިކުފާނަށް ބަަލައިގަނެވުނު ކަމެއް ނޫނެވެ. އެ ގައުމުން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ދިވެހީންނަށް ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންވެ އަޅުގަނޑު އެދުނިން ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން. އެއީ އޭގެ ބޭނުމެއް ނެތީމަ. އެ އުޅަނދުތަކުގައި ނައިޓް ވިޝަންއެއް ނެތް. އެމީހުންގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތައް ކުރިއަށް ދިޔައީ ހަމައެކަނި ދުވާލަކު ނޫން، ރޭގަނޑުވެސް. ދެން އަޅުގަނޑުމެން އެދުނީ(ހެލިކޮޕްޓަރުގެ ބަދަލުގައި) ޑޯނިއާއެއް ދޭން. އެކަން ކޮށް ނުދެވުނު.
ރައީސް ޔާމީން ވަނީ، އިންޑިއާއިން ހެލިކޮޕްޓަރުވެސް، އަދި ސިފައިންވެސް އަނބުރާ ނުގެންދިޔަކަން ފާހަގަކުރައްވައިފައެވެ. ”އިންޑިއާ އައުޓް“ ކެމްޕެއިން ހިންގަން ޖެހޭ ސަބަބު ބަޔާން ކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެގައުމުން ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ކަންކަމަށްވެސް ނުފޫޒު ފޯރުވަމުން ދިޔުމަކީ އެ ކެމްޕެއިން ހިންގަން ޖެހޭ ސަބަބުތައް ކަމަށެވެ.