މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދިނުމާ މެދު ގޮތެއް ނިންމުން، މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލުކޮށްފިއެވެ.

ގަވަރުނަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހާޝިމްގެ ކިބައިގައި ނެތް ކަމަށް ބުނެ، އޭނާ އެ މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމަށް ހާޝިމަށް ކޮމިޓީން އެންގި ނަމަވެސް، އޭނާ އެ ދުވަހު ބޭއްވި ބައްދަލުވުމަށް ވަޑައިނުގެންނެވިއެވެ.

ތިން ފަހަރު މަތިން ކޮމިޓީ އަށް ހާޒިރުވެ ޖަވާބުދާރީވެވަޑައިގަތުމަށް ކޮމިޓީ އަށް ހާޝިމަށް ފުރުސަތު ދިން ނަމަވެސް، އޭނާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ހާޒިރުވެވަޑައިނުގެންނެވިއެވެ. ބަދަލުގައި ހުށަހެޅުއްވީ 14 ސަފްހާގެ ރިޕޯޓެކެވެ.

އެހެންވެ، ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެ ދުވަހު ހުށަހެޅުއްވީ ކޮމިޓީން ފާހަގަކުރެވުނު ކަންކަމާއި ހާޝިމްގެ ޖަވާބާއި އިތުރަށް ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ކޮމިޓީން ގޮތެއް ނިންމުމަށެވެ.

ނާޒިމު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބުނާ މައިގަނޑު މަގުސަދުތައް ހާސިލްކުރުމަށްޓަކައި، ރައީސް ޑރ.މުހައްމަދި އިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާ ދިނުމާއި ގާނޫނުގައިވާ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އަމަލީގޮތުން ހަރުދަނާ މަސައްކަތްތަކެއް ގަވަރުނަރު ކުރައްވާފައި ނުވާ ކަމަށެވެ.