މި އަހަރުގެ ރިޔާސީ ކެމްޕެއިނުގައި، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، 25 ދުވަސް ތެރޭގައި 96 ރަށަށް ދަތުރު ކުރައްވައިފިއެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު މިކަން ހާމަ ކުރައްވައިފައި ވަނީ، ސަންގު ޓީވީގެ ”އާސްކް މުއިއްޒު“ ޕްރޮގްރާމްގައެވެ.

މުއިއްޒު ވިދާޅުވީ، ކެމްޕެއިން ކުރެއްވުމަށްޓަކައި، މިހާރު އަދާ ކުރައްވާ މާލޭގެ މޭޔަރު ކަމުގެ ޒިންމާއިން އަހަރީ ޗުއްޓީ ނަންގަވައި، ޑެޕިއުޓީ މޭޔަރާއި ޒިންމާތައް ހަވާލު ކުރައްވައިފައިވާ ކަމަށެވެ.

”އިއްޔެއަށް ބަލައިފިއްޔާ، އަދި އޭގެ ކުރީ ދުވަހަށް ބަލައިފިއްޔާމު، ދުވާލަކު އަށް ރަށަށް ދެވުނު. ދެން ހަމަ ކޮންމެ ރަށަކަށް ގޮސް، ރައްޔިތުންނާއި ސަލާންކޮށް، ކޮންމެވެސް ވަރެއްގެ ބައްދަލުވުމެއް ވެސް ބޭއްވޭ، ބައެއް ރަށްރަށުގައި އެއަށްވުރެ އިތުރަށް ވެސް، ޖަގަހަތައް ހުޅުވުމާ ކަންތައްތައް ވެސް އޮވޭ.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ރޭގަނޑު ވެސް ޖަލްސާތަކަށް ފަހުގައި، ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކާއި ބައްދަލުކުރެއްވުމުގެ އިތުރުން، އެހެން ރަށްރަށުން މުއިއްޒު އާއި ބައްދަލު ކުރަން އަންނަ ފަރާތްތަކަށް ވެސް ވަގުތު ދެއްވާ ކަމަށެވެ.

މުއިއްޒުއަށް ޕީއެންސީގެ ރިޔާސީ ޓިކެޓު ދީފައި ވަނީ، އިދިކޮޅު ލީޑަރު، ރައީީސް ޔާމީން އަބްދުލްގައްޔޫމަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމުންނެވެ. އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން(އީސީ) އިން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދު ކޮށްފައެވެ.