ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާ ބައްދަލު ކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
”ޢަރަބިއްޔާ ފެމިލީ“ ޓްވިޓާ އެކައުންޓުން ރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މުއިއްޒު އަރަބިއްޔާގެ ބެލެނިވެރިންނާ ސަޕްރައިޒްކޮށް ބައްދަލުކުރައްވައި ވަރަށް އުއްމީދީ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ.
ޢަރަބިއްޔާ ސުކޫލުގެ ދަރިވަރުންނަށް މިހާރު ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ.
އެއީ ދަރިވަރުންނަށް ކިޔަވައިދިނުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށްވާތީ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބާ ޖަމާލުއްދީން ހުރި ބިމުގައި ޢަރަބިއްޔާ ސްކޫލަށް އާ އިމާރާތެއް ހަދައިދޭނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އަދިވެސް އެތަނުގެ ބިންގާ އަޅައިފައެއް ނުވެއެވެ.
މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ވަނީ އަރަބިއްޔާ ސްކޫލު މޮޑަރނައިޒްކޮށް ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ދީނީ ތައުލީމު ދެވޭ މަރުކަޒަކަށް ހެދުމަށް ހިމަނުއްވައިފައެވެ.
