މިހާރު ރާއްޖޭގައި އޮންނަ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބަދަލު ނުވާނަމަ، ބިމާއި ކަނޑު އަޑީގައިވާ، ދިވެހީންގެ އެސެޓްތައް ގެއްލިގެން ހިނގައިދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރު، މިފަދައިން ވިދާޅުވީ، ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އިދިކޮޅު ލީޑަރު، ރައީސް ޔާމީން މީގެ ފަސް އަހަރު ކުރިން ދެއްވި ހިތޯބެއްގައި ވެސް، ގައުމަށް މިއަދު ކުރިމަތިވެފައިވާ ހާލަތު ދިމާވެދާނެކަމުގެ އިންޒާރު ދެއްވިކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ޕީޕީއެމް-ޕީއެންސީގެ ފިކުރަކީ ގައުމީ ފިކުރެވެ. ގައުމުގެ ހާލަތު ހުރި ގޮތުން، ކަންކަމާއިމެދުގައި ވިސްނަން ޖެހޭނީ ގައުމީ އަދި ވަތަނީ ވިސްނުމަކުން ކަމަށް ވެސް ވިދާޅުވިއެވެ.

”ރާއްޖޭގެ ކަނޑުން އެތައްހާސް އަކަ ކިލޯމީޓަރުގެ ސަރަހައްދެއް، ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، ސިޓީއަކުން ދޫކޮށްލީ. ދެން މި ފެންނަނީ ހަނިމާދޫން 15 ހެކްޓަރުގެ ބިން ދޭން އެއްބަސްވާތަން، މަޝްވަރާ ކުރެވިފައި އޮތްތަން، 99 އަހަރަށް ދޭން.“ އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރަން ރާވައިފައި ވަނީ، ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެ ފަދަ ކަންކަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވޯޓުލުމުގެ ހައްގު އަދާ ކުރާ ދުވަހަކީ ގައުމީ ވިސްނުން އިސް ކުރާ ދުވަހަށް ހަދަން ޖެހޭ ކަމަށެވެ.

”އެމްޑީޕީ ކަމަށް ވިޔަސް، ޕީޕީއެމް ކަމަށް ވިޔަސް، އެހެން ާޕާޓީތަކަށްވުރެ މާ މަތީގައޭ މިއޮތީ ގައުމީ ރޫހު.“

މުއިއްޒު އިތުރަށް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކަށް ވުރެ، ބޮޑަށް، އެންމެ ފުރަތަމަ އިސްކަން ދޭން ޖެހޭނީ މިނިވަންކަން ދިފާއު ކުރުމަށް ކަމަށެވެ.