މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން މިހާތަނަށް މައްސަލައެއް ފާހަގަކުރެވިފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިއަދު ހެނދުނު 8:00 ގައި ގިނަ ވޯޓު ފޮށިތަކުގައި ވޯޓުލުން ފެށުނެވެ. ވޯޓު ފޮށިތައް ބަނދުކުރުމަށް ކަނޑައެޅިފައިވަނީ ހަވީރު 16:00 ގައެވެ.

އީސީއިން ބުނެފައިވާގޮތުން މިހާތަނަށް އެއްވެސް އިންތިހާބީ މައްސަލައެއް ފާހަގަކުރެވިފައިނުވެއެވެ.

އެހެންނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކާއި ރާއްޖެއިން ބޭރުގެ ގައުމުތައްވެސް ހިމެނޭ ގޮތަށް 574 ފޮއްޓެއް ބެހެއްޓިފައިވުމާއިއެކު ފޮށިތަކާއި ހަވާލުވެ ތިއްބެވި މީހުންގެ ފަރާތުން މައުލޫމާތުތައް ސާފުކޮށް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.