ދެވަނަ ބުރުގައި، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އަދިވެސް އިތުރު ބަޔަކާއި ގުޅެންޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން އޮފީހުން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޭ އެމަނިކުފާނު ވިދާޅުވީ، ކުރިން ވިސްނިފައިނެތް ކަންތައްތައް ހުރި ކަމަށެވެ.

އަދި ދެވަނަ ބުރުގައި ކުރިއަށްދިއުމަށް ބަޔަކާއި ބައިވެރިވެގެން ނޫނީ ކުރިއަށްދެވެން ނެތްކަމަށެވެ.

”ކޮންމެގޮތެއްވިޔަސް ބަޔަކާ ބައިވެރިވާން ޖެހޭނެ. ޕީޕީއެމުންވެސް އަދި އަޅުގަނޑުމެންވެސް މަސައްކަތް ކުރާނެ. އެ ހުރިހާ މަސައްކަތެއް ކުރަމުން އެބަދަން“ ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން 101،000 އަށްވުރެ ގިނަ ވޯޓު ލިބިގެން އިންތިހާބުން ކުރި ހޯއްދަވާފައިވަނީ، ޕީއެންސީގެ ކެނޑިޑޭޓް ޑރ މުހައްމަދު މުއިއްޒެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 85،920 އެއްހާ ވޯޓެވެ.