މި އަހަރުގެ ރިޔާސީ އިންތިހާބުގެ ބުރުގައި ވޯޓު ލާފައިވާތަން ނޫން އެހެން ތަނެއްގައި، ދެ ވަނަ ބުރުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ‏ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި، އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތީ ނަތީޖާއެއް ލިބިފައި ނުވުމުން، މި މަހުގެ 30 ވަނަ ދުވަހު، އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާނެއެވެ.

ދެވަނަ ބުރުގައި ވާދަކުރައްވާނެ ކަން ކަށަވަރު ވެފަައި ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އީސީ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު 2023 ގެ ‏ދެ ވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30 ގައި ކަަމަށެވެ.

”ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް، އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިއުލާން ކުރާނެ.“ އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ.