މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، މަޖިލީހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ، މުހައްމަދު ނަޝީދު، އެމަނިކުފާނާއި އަރިސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރަށްވުރެ ބޮޑަށް، ހަރުކަށި ފިކުރު ޕްރޮމޯޓް ކުރާނެ އެހެން ސަރުކާރެއް އަންނާނެ ކަމަށް ދެކެން ދަތި ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރެއްގެ ވާހަކަތައް މީީސްމީޑިއާގައި ދެކެވެމުން ދަނިކޮށެވެ.

ދެވަނަ ބުރަކަށް ގޮސްފައިވަނީ ރައީސް ޕީއެންސީގެ ޑރ. މުއިއްޒާއި, އެމްޑީޕީގެ ރައީސް ސޯލިހެވެ.

ރައީސް ނަޝީދުގެ ޕާޓީން ނިކުތް އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ތިންވަނައެވެ. އެއީ ވޯޓްލީ މީހުންގެ 7.18 އިންސައްތަ މީހުންނެވެ.

ޑިމޮކްރެޓްސްއިން ތާއީދު ކުރާނެ ފަރާތަކާމެދު މީސްމީޑިއާގެ މަންސަތަކުގައި ވާހަކަ ދެކެވެމުން އަންނައިރު, ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި ޕީއެންސީއަށް ތާއީދު ކުރުމަކީ ހަރުކަށި ފިކުރަށް ތާއީދު ކުރުމެވެ

ރައީސް ނަޝީދު ވިދާޅުވެފައިވަނީ, ހަރުކަށި ފިކުރަށް ޖާގަދީ އަދި އެ ގޮތްތައް މިދިޔަ ފަސް އަހަރަށްވުރެ ވަކި ބޮޑަށް ތަންފީޒް ކުރާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި ކަމަށެވެ.

ރައީސް ނަޝީދުގެ ޑިމޮކްރެޓްސްއިން ވާދަ ކުރެއްވި އިލްޔާސް ލަބީބަށް 15،000 ވޯޓު ލިބިވަޑައިގެންނެވިއެވެ.