ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ނުކުރެއްވުނީ، އެކަން ތަގްދީރުގައި ލިޔުއްވާފައި ނެތުމުން ކަމަށް މި ސަރުކާރު ދިފާއު ކުރައްވަމުން ގެންދެވި، ދީނީ އިލްމުވެރިޔާ، ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ރައީީސް ސޯލިހު ރިޔާސީ އިންތިހާބަށް ނުކުންނެވީ، 130،000 ވޯޓު ހޯއްދަވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ފުރަތަމަ ބުރުން، ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދެވީ، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއެވެ.
އިޔާޒު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް އ ކިތަންމެ އުއްމީދެއްކުރިނަމަވެސް އެކަން އެގޮތަށް ތަގްދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ ކަމަށެވެ.
”ހިތްއެދޭ ގޮތަށް ކަންތައްތައް ނުވުމަކީ އެއްވެސް ޙާލެއްގައި މާޔޫސްވާންޖެހޭ ކަމެއްނޫން. ރަގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް އާހިތްވަރަކާއި އެކު މަސައްކަތް އިތުރަށް ކުރަންވީ.“ އޭނާގެ ޓްވީޓުގައިވެއެވެ.
އިޔާޒު އިތުރަށް ވިދާޅުވީ، މާތް ރަސްކަލާނގެ މިންވަރުފުޅާއި އެކު ދެވަނަ ބުރުން ރައީސް ސޯލިހުއަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކުރަންވީ ކަމަށާއި ކާމިޔާބުވާނެ ކަމަށެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.

ކާފަރުންނަށް ކާމިޔާބެއް ނުލިބޭނެ