އިއްޔެގެ ނަތީޖާއިން ދައްކައިދިނީ އެމްޑީގެ ވެރިކަން ބަދަލު ކުރަން ރައްޔިތުން ބޭނުންވެފައިވާ މިންވަރުކަމަށް ރ.އަތޮޅު ކައުންސިލުގެ ރައީސް އަދި ޕީޕީއެމްގެ ސެނެޓް މެމްބަރު، ހުސައިން ނާސިފް ވިދާޅުވެއްޖެއެވެ.

Ads by Asuru

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާއި ގުޅޭ ގޮތުން އަސުރު އޮންލައިންއާއި ވާހަކަ ދައްކަވަމުން ކުރީގެ ނޫސްވެރިޔާ، ނާސިފް ވިދާޅުވީ އިންތިހާބެއްގައި ކުރިމަތިވާނެ ހުރިހައި ނުފުޒަކާއި ދެކޮޅަށް ކެތްތެރިކަމާއި ސާބިތުކަމާއިއެކު ކުރިމަތިލައްވައި، އެންމެ 28 ދުވަސްތެރޭގައި ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

”ވޯޓުގެ ނަތީޖާއިން ޔަގީންވީ މިހާރުގެ ހާލަތު ބަދަލު ކުރަން ރައްޔިތުން ބޭނުންވާ މިންވަރު. ކުޑަރަށެއް ބޮޑު ރަށެއް ތަފާތެއްނެތި އެމްޑީޕީގެ ސަރުކާރަށް ނޫނެކޭ ބުނެ އެމްޑީޕީގެ ސަރުކާރު ނޫން ގޮތެއް ހޯދުމަށް ރައްޔިތުން ތިބީ ކެތްމަދުވެފައި.“ އޭނާ ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ ކުރިން ދުވަހަކުވެސް ނުފެންނަ ވަރަށް މިފަހަރުގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އެގޮތުން ރައީސް  އިބްރާހީމް މުހައްމަދު ސޯލިހުއަށް ވޯޓްލާން މަޖުބޫރުކޮށް ބަހައިލި ވަޒީފާތަކާއި މުވައްޒަފުންނަށް ބިރު ދެއްކުމާއި އިންތިހާބު ބޯމަތިވުމުން ފުލުފުލުގައި އޮއްސާލި ވައުދުފުނިތަކާއި، ޖެހި ކަޑަތަކާއި ފެށި ޕްރޮޖެކްޓްތަކާއި ގޯނި ގޯނީގައި ”ހަރާމް“ ކަޅު ފައިސާ ބަހައިގެން ވޯޓް ގަތުމަށް ސަރުކާރުން ހޭވައްޓާލި ނަމަވެސް އެމްޑީގެ ދަޅައަށް ނުހެއްލޭނެކަން ރައްޔިތުން ސާބިތުކޮށްދީފި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީގެ ސަރުކާރުން ދިން ނިކަމެތިކަން ވޯޓުގައި ފާހަގަ ޖަހާއިރު ރައްޔިތުން ހަނދާންވާނެ ކަމަށެވެ.

ވޯޓުލާން ދިޔުމަށް ދުއްވާ އުޅަނދު ޖޫރިމަނާ ކުރީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި، ފާހަގަ ޖަހާގަޑީގައި ނޭވާލާއިރު ނޭވާ ހޮޅިން ވައްކަންކުރި ކަމާއި، ގޭގައި ބައިންދާފައި ދިޔަ ކުޑަ ދަރިފުޅު އުފަންވުމުން ދޭން ވައުދުވި ހަދިޔާފޮށި ނުދީ އޮތް ކަމާއި، ދަރިވަރުންނަށް ދޭން ވައުދުވި ހެނދުނުގެ ނާސްތާ ނުދިންކަން ވެސް ރައްޔިތުން ހަނދާން ހުންނާނެ ކަމަށް ނާސިފް ވިދާޅުވިއެވެ.

މީގެ އިތުުރުން ޒުވާނުން ވޯޓްދޭން ދާއިރު އަލަތު ކައިވެނީގެ ފްލެޓްތައް ފޭރިގަނެފައިވާ ކަމާއި ވަޒީފާ ލިބެންދެން ދޭން ވައުދުވި އެލަވަންސް ނުދީވާ ކަމާއި މަސްވެރިންގެ ޖީބުތައް ވެސް ހުރީ ހުސްކޮށްކަން ދިވެހި މަސްވެރިން ހަނދުމަވާނެކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ނާސިފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނާނެ ސަބަބުތައް ގުނާ އަދަދު ނުކުރެވޭނެ ކަމަށެވެ.

”މާތް ރަސްކަލާންގެ ތަނަވަސް ރަހުމަތްފުޅާއެކު ދެވަނަ ބުރު ޑރ.މުއިއްޒު ކާމިޔާބު ކުރައްވާނީ އިހުލާސްތެރިވުމުން، ރައީސް ސޯލިހު ހަރާމް ކޯރުވީ ނައިބު ރައީސް ފައިސަލްއާއި ހެޔޮ ކަމެއްގެ އިނާމަކަށް ސޯލިހު ތެޔޮ ހަމެއް ދިން ބެސްޓް ފްރެންޑް ނަޝީދުއާއި އެމްޑީޕީ ރޫޅާލި ޗެއާރޕާސަން ފައްޔާޒުގެ ވޯޓުވެސް ސޯލިހުއާއި ދެކޮޅަށް ދީގެން.“ އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.