ިރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ޕީއެންސީގެ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، 60 އިންސައްތަ ވޯޓު ހޯއްދަވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ލައްކައަކަށްވުރެ ގިނަ ވޯޓު ހޯއްދަވައިފައިވާއިރު، މިކަން ފާހަގަ ކުރުމަށް ”ޝުކުރިއްޔާ ރައްޔިތުން“ މި ނަމުގައި ޕީޕީއެމް-ޕީއެންސީ އިން، މިރޭ ބޭއްވި ރެލީގައި އަބްދުއްރަހީމް ވަނީ، އޭނާ ކުރިން ޖެއްސެވި ހިސާބު ދިމާވިކަން ފާހަގަކުރައްވައިފައެވެ.

ރިޔާސީ ކެމްޕެއިނުގައި ރަށެއްގައި ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ސޯލިހަށް 40 އިންސައްތަ ވޯޓު ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ، 39 އިންސައްތައެވެ.

”ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު، މި އިންތިހާބު ކާމިޔާބު ކުރާނީ، އިރާދަކުރެއްވިއްޔާ، 60 އިންސައްތަ ހޯދައިގެން.“ އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އެމްޑީޕީއާއި ރައީސް ސޯލިހަށް، ޕީޕީއެމް-ޕީއެންސީއާ އަރާ ހަމަ ނުކުރެވޭނެ ކަމަށެވެ.

”(އިކޮނޮމިކް މިނިސްޓަރު)ފައްޔާޒުގެ ހިސާބަކަށް ނޫން، މި ހިސާބު ވާނީއެއް.“ އޭނާ އިތުރަށް ވިދާޅުވިއެވެ.

ފައްޔާޒު ކުރިން ވިދާޅުވީ، ރައީސް ސޯލިހަށް 56 އިންސައްތަ ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށާއި، އެއަށްވުރެ، އެންމެ ވޯޓެއް ވެސް މަދު ނުވާނެ ކަމަށެވެ.