ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން، ވާދަވެރި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ވުރެ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ލިބިވަޑައިގެންނެވި ވޯޓު މަދުވިއިރު، ރައީސް ސޯލިހު ވަރަށް ގިނަ ކަންކަން ކޮށްދެއްވި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ، ކޮވިޑް-19ގެ ޕެންޑެމިކް އާއިއެކުގައި ވެސް، ރައީސް ސޯލިހު ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވި ކަމަށެވެ.

”ކޮވިޑަށް މި ކެނޑި ދެ އަހަރު ކަނޑާފަ ވެސް، ހާދަ ކަންތައްތަކެއް ކޮށްދީފިޔޭ.“ މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މިއިން ޒަމާނަކު ރާއްޖެއަށް ތަރައްގީ އައިސްފައިނުވާ މިންވަރަށް ތަރައްގީ ގެނެސްދެއްވައިފައި ކަމަށާއި، ރައްޔިތުން އެއާ ދެކޮޅު ވެދާނެ ކަމަށް ވިސްނަން ވެސް އުނދަގޫ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހެދުނު ގޯސްތައް ރަނގަޅުކޮށް، ސީދާ ވޯޓުލާ މީހާއާއި ހަމައަށް ދާން ޖެހޭ ކަމަށާއި، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރުން، ނަތީޖާ ބަދަލު ކުރެވޭނެ ކަމަށެވެ.