ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތް ަކަމަށް ރައްޔިތުން ނިންމާފައިވާ ކަމަށާއި، އެހެންކަމުން ރަނގަޅު ގޮތަކީ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުން ކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ އެޖެންޑާ ކުރެވި އެމައްސަލަ ކުރިއަށްގެންދާނެ ގޮތަކާއިމެދު މަޖިލީހުގައި މިއަދު ދަނީ މަޝްވަރާ ކުރެވެމުންނެވެ.
މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސަށް ތުހުމަތުކޮށް މައްސަލަ ހުށަހެޅުއްވީވެސް އެބޭފުޅުން ކަމަށެވެ.
އަދި މިހާރު މައްސަލަ އަނބުރާ ގެންދަން އުޅޭއިރު ހުރިހާ ކަމެއް ރަނގަޅުވީތޯ އޭނާ އެއްސެވިއެވެ.
“ރަނގަޅުވެއްޖެއްޔާ ރަނގަޅުވިކަންވެސް އެބޭފުޅުން އެބަޖެހޭ ހާމަކުރަން، މި ސިޔާސީ ބޭނުމަކަށް ކުރަންވާވަރު ކަންކަމެއް ނޫން މި ހުންނަނީކީ،“ ޝިޔާމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ 38 އިންސައްތަ އިންކަމްބަންޓް ރައީސަށް ރައްޔިތުން ނޫނެކޭ ބުނެފައިވާކަމަށެވެ.
އަދި ރައީސް ސޯލިހު ރައީސްކަން ކުރެއްވި ގޮތް ކަމުނުދާ ކަމަށް ނިންމާފައިވާ ކަމަށާއި، އިދިކޮޅު ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން މިނިވަން ކުރެއްވުމަށްވެސް ރައްޔިތުން އެދޭކަން އެވަނީ ހާމަކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.

ދަރިޔާ، ފުރަތަމަ ބުރުގައި، ޔާމީނު އިސްތިއުފާ ދީންތަަ؟ ތިމާ މީހާޔާ ޖެހުނީމާ އޯކޭ ވެފަ، އަނެކަކާ ޖެހުނީމާ، އިސްތިއުފާ ދޯ،؟