ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު ބާތިލުކުރެވޭ އަދަދަށް މެމްބަރުންގެ ސޮއި ހަމަކޮށް، އެ މައްސަލަތައް އަނބުރާ ގެންގޮސްފިއެވެ.

ނަޝީދާއި އީވާ މަގާމުން ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކުރުމުން އެމަނިކުފާނާއި އީވާގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ރޭ ވަނީ ނިންމައިފައެވެ.

މިގޮތަށް ނިންމިއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ރައީީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި، ”ދަ ޑިމޮކްރެޓްސް“ގެ ތާއީދު، އެމްޑީޕީއަށް ބޭނުންވެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ވަކިކުރުމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން 25 މެމްބަރުން ނަން އަނބުރާ ގެންދެވިއިރު، މައްސަލަ ކުރިއަށް ގެންދަންޖެހޭ އަދަދު އަދިވެސް ހަމަވާ ކަމުގައެވެ. އަދި އިތުރު އަށް މެމްބަރުން ސޮއި އަނބުރާ ގެންދަން ޖެހޭ ކަމަށެވެ.

އެ މައްސަލަ ކުރިއަށް ގެންދަން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ފެއްޓެވުމާ އެކު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވާކަން މަޖިލީހުގެ އިދާރާއަށް އެންގިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.

އެހެންކަމުން، ބާކީ ތިބި މެމްބަރުންގެ ސޮއި އަނބުރާ ގެންގޮސް، އެކަން އިދާރާއަށް ރަސްމީކޮށް އަންގަން 15 މިނެޓުގެ ފުރުސަތެއް ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

އެމްޑީޕީން އެދުނު ގޮތަށް ޖަލްސާ މެދުކަނޑައިލެއްވުމަށް ފަހު، ޖަލްސާ އަލުން ފައްޓަވައި ރިޔާސަތުން ވިދާޅުވީ ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވި މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ސޮއި އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

އެހެންކަމުން، ނަޝީދާއި އީވާގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވާތީ، އެ މައްސަލަތައް ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވިއެވެ.