ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ އާއިއެކުގައި ކޯލިޝަން ހެދުމަށް ދައުވަތު މޭޔަރު ލިބިފައިވާ ކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސްއަށް ލިބިލެއްވީ 2،979 ވޯޓެވެ. މިއީ ޖުމްލަ ވޯޓު ލީ މީހުންގެ 1.39 އިންސައްތައެވެ.

ދެވަނަ ބުރުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ޕީއެންސީގެ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއެވެ.

ފާރިސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ރައީސް ސޯލިހާއި ޑރ. މުއިއްޒުގެ ފަރާތުންވެސް ދައުވަތު ލިބިފައިވާ ކަމަށާއި، އެކަމާއިމެދު ގޮތެއް ނިންމަން މަޝްވަރާ ކުރަމުން ދާކަމަށެވެ.

އަދި ގޮތެއް ނިމުމުން އާންމުކޮށް އިއުލާން ކުރައްވާނެ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނީ އިދިކޮޅު ކެންޑިޑޭޓު މުއިއްޒުއަށެވެ.