ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ވަރަށް ފޯރިއާއިއެކުގައި ފައްޓަވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ދެވަނަ ދައުރުގެ ކެމްޕެއިނުގައި، މުއިއްޒު މިއަދު ހެންވޭރުގައި ދޮރުން ދޮރަށް ހިންގަވައިފައިވާ ކަމަށެވެ. މުއިއްޒު ވަނީ ހެންވޭރުގެ ގޭގެއަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވައިފައެވެ.
މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް، މިރޭ މާލޭގައި އެބައޮތެވެ.
