ރިޔާސީ އިންތިޚާބުގެ ނަތީޖާއިން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ، ހަމަ ރަނގަޅަށް ވެސް ރޫޅާލައިފި ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމާ ގުޅޭގޮތުން ކުރި ބަހުސްގައި ވާހަކަދައްކަވަމުން އީވާ ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން އެމްޑީޕީ ”ރޫޅާލެވޭނެ“ ކަމަށް ވިދާޅުވިއިރު، އެކަން ވެއްޖެ ކަމަށާއި، އެމްޑީޕީ ރޫޅައިލެވިއްޖެ ކަމާއިމެދުގައި އެއްވެސް ސުވާލެއް ނެތް ކަމަށެވެ.
އީވާ ވިދާޅުވީ، އިންތިޚާބަށް ނުކުމެ ޑިމޮކްރެޓުން އެކަން ކުރީ މީގެ ކުރިން އެމްޑީޕީގައި ތިބި އިރު އެބޭފުޅުންނަށް ދިމާވި މަލާމާތާއި ފުރައްސާރައިގެ އިތުރުން ދެމުން ގެންދިޔަ އިންޒާރުތަކާ ހެދިކަމަށެވެ.
އެގޮތުން އިންތިޚާބުގެ ދެވަނަ ބުރެއްގައި ވެސް ޑިމޮކްރެޓުން ވިސްނުންތެރިކަމާ އެކު ގޮތެއް ނިންމާނެ ކަމަށް އީވާ ވިދާޅުވިއެވެ.
އަދި އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް ޑިމޮކްރެޓުން ނިންމާނެ ނިންމުމާ މެދު ރައްޔިތުން އެއްވެސް ޝައްކެއް ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
