ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ޕީޕީއެމް-ޕީއެންސީ އިން ޤައުމީ ވިސްނުމެއްގައި، އެއްބަސްވެ، މިއަދު ކޯލިޝަން ހަދައިފިއެވެ.

އެމްއެންޕީ އާއި ޕީޕީއެމް-ޕީއެންސީ އިން ވަނީ މިއަދު ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ މިއަދު ހެދި އެއްބަސްވުމުގެ ދަށުން ކަންކަން ނިންމުމުގެ އިހުތިޔާރު އޮންނާނީ މުއިއްޒަށް ދޫކޮށްލާފައި ކަމަށެވެ.

އޭނާ ވިދާޅުވީ ފޮތިފޮތިކޮށްގެން ނުވަތަ ބައިބައިކޮށްގެން މިވަގުތު ކަންކަން ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަދި ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށާއި، ޕީޕީއެމް އަކީ އޭނާއާއި ވަރަށް ގާާތް، އަދި އިހްތިރާމް ކުރާ ޕާޓީއެއް ކަމަށެވެ.

ދަނގެތި ދާއިރާގެ މެމްބަރު ނާޒިމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ލިބިވަޑައިގަތީ 1،907 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ.