ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 17:00 ޖަހަންދެން ކުރިއަށް ގެންދަން ނިންމައިފިއެވެ.
މި ގެނައި ބަދަލު ހާމަކުރައްވަވައި، އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލުން ބަންދުކުރާ ގަޑިއަށް ބަދަލު ގެނައީ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގެ ލަފާގެ މަތިންކަމަށެވެ.
އެގޮތަށް ބަދަލު ގެނައީ މިފަހަރުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު މަދުވުމުން، ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް ހަބީބު ވިދާޅުވިއެވެ.
މީގެ ކުރީގެ އިންތިހާބުތަކުގައާއި، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ އިންތިހާބުގައިވެސް ވޯޓުލުން ކުރިއަށް ގެންދިޔައީ ހެނދުނު 08:00އިން ހަވީރު 16:00އާއި ހަމައަށެވެ. ނަމަވެސް އަށްގަޑިއިރު މަދު ކަމަށާއި، އަވަހަށް ކިޔު ބަންދު ކުރުމުން، ވޯޓު ނުލެވުނު ކަމަށް ގިނަ ބަޔަކު ފާހަގަކުރިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
