ހުޅުމާލެ ދެވަނަ ފިޔަވީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި މިހާރު ދައްކަން ޖެހޭ ބޮޑު ޑައުންޕޭމަންޓާއި، އެތަނަށް ވަދެތިބި މީހުން ދައްކަންޖެހޭ ބޮޑު މަހު ކުއްޔާއި ޝޯޝަލް ހައުސިން ޔުނިޓްތަކަށް މިހާރު އާންމު ރައްޔިތުން ދައްކަމުންދާ ބޮޑު ކުލިތައް ކުޑަކޮށް ދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މުއިއްޒު މިހެން ވިދާޅުވީ، މިރޭ މާވެޔޮ މަގުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިގޮތުން މުއިއްޒު ވިދާޅުވީ ހުޅުމާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް އަޅާ ދެއްވި ފްލެޓްތަކާއި ހައުސިން ޔުނިޓްތަކަކީ ރައްޔިތުންނަށް ތަކުލީފްތަކެއް އުފުލޭ ގޮތަށް އިމާރާތް ކުރެއްވި ތަންތަނެއް ނޫންކަމަށެވެ.
އެމަނިކުފާނު މިމަސައްކަތްތައް ކުރެއްވީ ވީހާވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް ބޯހިޔާ ވަހިކަން ކަށަވަރު ކޮށްދެއްވުމަށް ކަމަށެވެ.
ނަމަވެސް މިސަރުކާރުގެ މިފަސް އަހަރުގައި ރައްޔިތުންނަށް މިކަމުން އުފުލަން ޖެހުނީ ބޮޑު ތަކުލީފެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
”އަޅުގަނޑު އިރާދަކުރެއްވިއްޔާ ވިނަރެސް ފްލެޓްތަކަށް މިހާރު ދައްކަމުންދާ ބޮޑު ޑައުންޕޭމަންޓް ރައްޔިތުންނަށް ކުޑަކޮށްދޭނަން.“ މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ލަގްޒަރީ އެޕާޓްމަންޓުތަކުގައި ދައްކަން ޖެހޭ ވަރަށް މިހާރު ދައްކަމުންދާ ބޮޑު އަދަދެއްގެ މަހު ކުލިތަކަށްވެސް ބަދަލު ގެނެސް ކުޑަކޮށް ދެއްވާނެ ކަމަށެވެ.
