ދިވެހި ގައުމު މިހާރު އޮތް ހާލަތުން، ގައުމީ ވިސްނުން އިސްކޮށް މި މަހުގެ 30 ވަނަ ދުވަހު ވޯޓުލުމަކީ ގައުމީ ވާޖިބަކަށް ވެފައިވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އދ.ދަނގެއްޗަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

އެމަނިކުފާނު ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރަކީ، ގައުމުގެ ކުރިމަގު ކަނޑައަޅާނެ ބުރު ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދު ވަނީ އަނދަވަޅަކަށް ވެއްޓި، އިޖްތިމާޢީ ޙާލަތު ވަރަށް ވެސް ބޮޑަށް ގޯޯސްވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އެހެންވީމަ، މި ހުރިހައި ކަމެއް ރަނގަޅު ކުރުމުގެ ފުރުޞަތު، އަޅުގަނޑުމެން، ކޮންމެ މީހަކަށް މި ލިބެނީ.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވެރިކަމެއްގައި ދަނގެތީގެ ބިން ހިއްކަވައި، އެ ރަށުގެ ބަނދަރު ވެސް ތަރައްޤީ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ، ގައުމަށް ހިދުމަތް ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.