ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލުން މީޑިއާތަކަށްވެސް ފައިސާ ދޫކުރާނެ ނިޒާމެއް ކަނޑައަޅައި މީޑިއާތަކަށް ބަޖެޓުން ވަކި ޕަސެންޓެއް ކަނޑައަޅާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕޭނު ކުރެއްވުމަށް މަހިބަދޫއަށް ވަޑައިގެން މރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ދާޅުވީ ޑިމޮކްރަސީގެ ހަމަތަކާއިއެކު ދައުލަތް ހިންގުމަށް އެންމެ ބޮޑަށް ފާރަވެރިވެ ޒިންމާދަރު ކުރުވާ ބަޔަކީ މީޑިއާތައް ކަމަށެވެ.

ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލުން މީޑިއާތަކަށްވެސް ފައިސާ ދޫކުރާނެ ނިޒާމެއް ކަނޑައަޅައި މިކަން މިގޮތަށް ކަނޑައެޅުމުން ވަކި އޮފީހަކުން ވަކި ކުންފުންޏަކުން ފައިސާ ދިނުމުން ވަކި ގޮތަކަށް ޚަބަރު ގެނެސްދޭން ޖެހޭ ޖެހުމަށް ނިމުން އަންނާނެ ކަމަށާއި މިނިވަންކަމާއިއެކު ޚަބަރާއި މައުލޫމާތު ގެނެސް ދިނުމަށް ޖާގަ ލިބިގެންދާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ މީޑިއާތަކަށްވެސް ފައިސާ ދޫކުރާނެ ނިޒާމެއް ކަނޑައަޅައި މިކަން ކުރުމަށް ޤާނޫނާއި ގެނަން ޖެހޭ އިސްލާހު ގެނެސް މިކަމަށް ޖާގަ ހޯދާ ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.