ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމަށް ވޯޓެއް ލިބިވަޑައިނުގަތަސް، އޭނާ މިވަގުތު އެމްޑީޕީ އާއިއެކުގައި މަސައްކަތް ކުރަން ނިންމުމަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، ޖާބިރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީ އާއި އެމްޑީޕީން ގުޅިގެން މަސައްކަތް ކުރަން މަޝްވަރާ ކޮށްފައިވާއިރު، ޖޭޕީން މި ފަހަރު ވެސް ވަނީ އެމްޑީޕީ އާއި ގުޅޭނެކަމުގެ ފެހި ސިގްނަލް ދީފައެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން، ގާސިމްގެ ހުރި ކަމްބޮޑުވުންތަކާއި ގުޅިގެން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްނުލާ ކަމާއި، ރާއްޖޭގައި އިންޑިއާގެ ސިފައިން ނެތްކަން، “ ސަރުކާރުން ބޮޑުބައެއް އަޅައިގެން، އެކަންކަން ނެތް ކަމަށް އެއްބަސްވެގެން“ ހުންނެވުމުން، ގާސިމަށް އެކަން އެނގިލައްވާނެ ކަމަށެވެ.
މި ދަނޑިވަޅުގައި ގާސިމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ އާއި ގުޅުމަކީ ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމަށާއި، ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދި ”ދަ ޑިމޮކްރެޓްސް“ގެ ވޯޓުތައް ނުގެއްލުނު ނަމަ، ރައީސް ސޯލިހަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވުނީސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
