މިއީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ބަސް ބުނަން ލިބޭ ފުރުސަތު ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިއަދު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބެއްގެ ދެ ބުރު ދޭތެރެއިން ލިބޭ ވަގުތު ކޮޅު ނޫނީ ނިޒާމާ ބެހޭގޮތުން ރައްޔިތުންނަށް ބަހެއް ބުނުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

“ މިއީ ބަސް ބުނެވޭނެ ހިނދުކޮޅު.“ އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ކުރެއްވި އެހެން ޓުވީޓެއްގައި ވަނީ، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެން ކަން މިދިޔަ ތިން ދައުރުން ސާފުވާ ކަމަށެވެ.

އަދި ރައްޔިތުންނާ ހަމަޔަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިޚާބެއްގެ ފުރަތަމަ ބުރާ ދެ ވަނަ ބުރާ ދޭތެރޭގައި ކަމަށެވެ.

‏މިއާއެކު އަމްރު ވަނީ، މި މަހު 25ގައި ރައްޔިތުންނަށް ނިޒާމާ ގުޅޭ ގޮތުން ބަސްބުނަން ފުރުސަތު ދީ އެދުވަހު، އެކަމާއި ގުޅޭ ވޯޓެއް ނެގުމަށް ގޮވާލާފައެވެ. އަދި އޭގެ ފަހުން 30 ވަނަ ދުވަހު 2 ވަނަ ބުރުގެ ވޯޓު ލުމަށް އޭނާ ވަނީ އެދިފައެވެ.

އަދި ނިޒާމަށް ބަދަލު ގެންނަން ފެނިއްޖެ ނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސް އަކީ ބަރުލަމާނީ ނިޒާމެއްގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި، ޑިމޮކްރެޓްސްއިން އެމްޑީޕީއާއިއެކު ކޯލިޝަން ހަދަން ބޭނުން ވަނީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއިމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޝަރުތު ކޮށެވެ.

މި ވޯޓު ނެގުމަށް، ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބްގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ. އެ ގަރާރުގެ ފުރަތަމަ ކިޔުން ފާއިތުވި ބުދަ ދުވަހު ވަނީ އިއްވާފައެވެ.