އެމަނިކުފާނަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، ރައީސް ޔާމީން އަބްދުލްގައްޔޫމް ނިންމެވި ގޮތަށް، ހިޔާ ފްލެޓްތަކުގެ ކުލި 5،600 ރުފިޔާއަށް ކުޑަ ކުރައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ފްލެޓް ލިބުނު މީހުން ކުރި ހަރަދު އަނބުރާ ދެއްވާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހިޔާ ފްލެޓްތައް ތަޅާލުމަށް ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދު ތަރައްގީކޮށްދެއްވައި، ކޮންމެ ޓަވަރެއްގައި އިތުރު ލިފްޓެއް ހަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އިންޖީނިއަރިން ގޮތުން މިއީ ހުރިހާ ގޮތަކުންވެސް ކުރެވޭނެ ކަމެއް ކަމަށެވެ.
ރައީސް ޔާމީން ނިންމެވި ގޮތަށް، ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރައްވަން މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން ވެސް، އެ ފްލެޓްތަކުގެ ކުލި ކުޑަ ކުރަން މަސައްކަތް ކުރައްވައި، އެކަން ކުރެވޭނެ ގޮތް ސަރުކާރަށް އަންގަވައިދެއްވިއެވެ.
