ޕީޕީއެމް-ޕީއެންސީ އާއި ގުޅިވަޑައިގަތީ އެއްވެސް ކަމެއް ބޭނުންވެގެން ނޫން ކަމަށާއި، ބޭނުންވަނީ ގައުމު ސަލާމަތް ކުރަން ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައި ވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއިއެކުގައި، ޕީޕީއެމް-‏ޕީއެންސީ އިން މިއަދު ބޭއްވި ބައްދަލުކުރުމުގައެވެ.

ޕީޕީއެމް-‏ޕީއެންސީ އާއިއެކު ކޯލިޝަން ހެއްދެވި ނާޒިމް ކުރިން ވެސް ވިދާޅުވީ، އޭނާ އެ ކޯލިޝަނާއި ގުޅިވަޑައިގަތީ އެއްވެސް ޝަރުތަކާއި ނުލާ ކަމަށެވެ.

”މި ގައުމު މިއޮތީ އަޅުވެތިކަމެއްގާ. މި ގައުމުގެ އެއްވެސް ކަމެއް ނެތޭ އަޅުގަނޑުމެން، އެހެން ބަޔަކަށް ބަރޯސާ ނުވާ.“ ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތާއި އިގްތިސާދު ވެސް މިއަދު ވަނީ ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ކަމަށާއި، ކޯލިޝަނުން މިހާރު ކުރަމުން އަންނަނީ ގައުމީ މަސައްކަތެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ނާޒިމް ވިދާޅުވީ އިތުރަށް މިއަދު ފަހަތަށް ޖެހިއްޖެނަމަ، ރާއްޖެ ސަލާމަތް ނުކުރެވޭނެ ކަމަށެވެ.