މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރީ-ރަޖިސްޓަރީވުމަށް ހުލުވާލަފައިވާ ފުރުސަތުގައި ސައްހަ ނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމު ހުށަހަޅާ ފަރާތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފިއެވެ.

އީސީއިން މިހެން ބުނެފައި ވަނީ، ބައެއް މީހުންނަށް ނޭގި އެމީހަކު ރަޖިސްޓްރީ ކޮށްފައިވާ ރަށް ބަދަލު ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ކުރަމުންދާތީއެވެ.

ދެވަނަބުރަށް ރީ-ރެޖިސްޓަރ ކުރުމަށް، ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ފަރާތްތަކުން، ގެންނަ ފޯމުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން އީސީގެ ފޯނު ނަންބަރަކުން، ފޯމު ހުށަހަޅާ ފަރާތްތަކަށް ގުޅާނެ ކަމަށް އީސީ އިން މައުލޫމާތުދެއެވެ.

އަދި ސައްހަ ނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެދެނީ، އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.