އަޅުވެތިކަމާ ދެކޮޅަށް އަޑު އުފުލުމަކީ ދުނިޔޭގެ ސަފުން ބާކީ ވެގެންދާނެ ސަބަބެއް ނޫން ކަމަށް ރައީސް ޔާމީން އަބްދުލްގަައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އޮންލައިން ނޫސް ”ވޮއިސް“އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި، އެގައުމުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުމާ ދެކޮޅަށް ދިވެހިން ތެދުވުމަކުން، ދިވެހިން ބާކީއެއް ނުވެއެވެ. ސަރުކާރުން އެގޮތަށް ވިސްނައިދޭން މަސައްކަތް ކުރިޔަސް، އެއީ ހަގީގަތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ކަމެއްގަ ދޮގެއް ބުނެވެން އޮތިއްޔާ، ތެދެއް ނުހަދާނެ. ލޯނު ދެއްކުމުގެ މައްސަލައެއް ނެތް، އިގްތިސާދު މެނޭޖު ކުރުމުގެ މައްސަލައެއް ނެތް. އެކަމަކު އިހަށް ދުވަހު ދެއްތޯ ރައީސް ވިދާޅުވީ ރާއްޖެ މިދަނީ ބޮޑު ތަދަކާ ދިމާލަށޭ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް އިންޑިއާ ސިފައިން ގެނައީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކަަމަށާއި، ސިފައިން އަނބުރާ ފޮނުވާލުމަށް އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތް ކުރެއްވި ކަމަށެވެ.

މިހާރުވެސް ރާއްޖޭގެ ހަތަރު ފަސް ދިމާލެއްގައި އެގައުމުގެ ސިފައިން ހަތިޔާރާއެކު އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑެއް ގަބޫލެއް ނުކުރަން، އިންޑިއާ އަސްކަރިއްޔާއިން މި ގެންގުޅޭ ދިވެހި ސިފައިންނަށްވެސް އިންޑިއާ އަސްކަރިއްޔާއިން މި ގެންގުޅޭ ހަތިޔާރުގެ ތަފްސީލު އެނގޭ ކަމަކަށް.

އިންޑިއާާއާ މެދު މި ސަރުކާރާއި ކުރީ ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ގެންގުޅެނީ ”އިންޑިއާ އޮންލީ“ ނުވަތަ ހަމައެކަނި އިންޑިއާއަށް އިސްކަން ދިނުމުގެ ސިޔާސަތެއް ކަަމަށާއި، ކުރީ ސަރުކާރުން ގެންގުޅުނީ އިންޑިއާއަށް އިސްކަން ދިނުމުގެ ސިޔާސަތެއް ކަމަށެވެ.