މާލެ ސަރަހައްދުގައި ކުނި އުކާލުމާއި ބޮޑެތި އުޅަނދުތަކުގައި މުދާ އުފުލުން ރޭގަނޑަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލައި ރޭ އިފްތިތާހު ކުރި ”މާލެފަހި ޕްރޮގުރާމް“ގައި ހިމަނާފައިވަނީ ވަކި ސައިޒަކަށް ވުރެ ބޮޑެތި އުޅަނދުތަކުގައި މުދާ އުފުލުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ބަދަލުކުރުމަށެވެ. އަދި ކުނި އުކާލުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބަދަލުކުރުމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވީ މިކަންކަން ތަންފީޒު ކުރަމުންދާނީ ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކުގެ އެހީތެރިކަމާ އެކު ހުރިހާ އިދާރާތަކެއް ގުޅިގެން ޓީމެއްގެ ގޮތުގައި ކަމަށެވެ.

މިނިންމުމުގެ ސަބަބުން މަގުމަތީގެ ތޮއްޖެހުން ކުޑަވެގެން ދާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އަމީން ވިދާޅުވިއެވެ.