މެޗެއްގެ ފުރަތަމަ ހާފް ނިމުމަކީ މެޗު ނިމުމެއް ނޫން ކަމަށާއި، ގޯލަކަށް ފަހު ގޯލެއް ޖައްސަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ޕީޕީއެމް-ޕީއެންސީ އާއި ދެކޮޅަށް، އެމްޑީޕީން ގޯލު ޖަހާނީ މެޗުގެ ދެވަނަ ހާފުގައި ކަމަށެވެ.
މިވަގުތު އެމްޑީޕީ އޮތީ 3-1 ގެ ނަތީޖާއަކުން ބަލިވެފައި ކަމަށާއި، އެހެންނަމަވެސް ދެވަނަ ހާފްގައި ނިކުމެ ނަތީޖާ ހަމަކޮށް އިތުރު ދެ ލަނޑު ޖަހައި 5-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވިއެވެ. ރައީސް އަށް އޮޅިވަޑައިގެން ވިދާޅުވެވުނު ގޮތުން ނަމަ، ދެވަނަ ހާފުގައި އިދިކޮޅި ޓީމަށް ޖެހުނު 3 ލަނޑުގެ ތެރެއިން، އެއް ލަނޑު މަދު ވެސް ވެއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ހާފް ޓައިމުގައި ޗޭންޖިން ރޫމަށް ވަދެ ޓީމު އަލުން ރާވާލާފައިވާ ކަމަށެވެ.
އެގޮތުން ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުކޮށްލާފައިވާ ކަމަށާއި ބުންވަރު ހުރި މީހުން ކުރިއަށް ޖައްސާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގޯލަކަށްފަހު ގޯލެއް ”އަޅުގަނޑުމެން ޖަހާނަން،“ ކަމަށް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިން ވަރަށް ފޯރީގައި މިހާރު ދަނީ ކުރިއަށެވެ. ދެވަނަ ބުރުގެ ކެމްޕެއިންގައި އަތޮޅުތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުގައި ވެސް، މުއިއްޒު 11 ރަށަކަށް ވަޑައިގެންނެވިއެވެ.
