ފ.ފީއަލީގައި ޕޮލިސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ހިއްސާ ކުރައްވައިފިއެވެ.

Ads by Asuru

މިކަން ރައީސްއާ ހިއްސާ ކުރެއްވީ، އެރަށުގެ ކައުންސިލަރުން ރައީސްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

ރައީސް އޮފީހުގައި  ބޭއްވެވި ބައްދަލުކުރެއްބވުމެއްގައި ފީއަލި ކައުންސިލުން ވަނީ، ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާ ކުރައްވާފައެވެ.

މިގޮތުން، ކައުންސިލުން ވަނީ ފީއަލީގެ ބިންހިއްކުމުގެ މަޝްރޫއުއާއި، ސިއްހީ މަރުކަޒުގެ މަޝްރޫއު އަދި، އެރަށު ވޮލީކޯޓުގެ މަޝްރޫއު އަވަސްކޮށްދެއްވުމަށް ރައީސް ސޯލިހުގެ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން ވެސް ރަށު ސްކޫލަށް މަލްޓިޕަރޕަސް ހޯލެއް ބޭނުންވާކަމަށާއި، ސްކޫލްގެ ސައިންސް ލެބް އެޅުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާ، ފީއަލި ރައްޔިތުން ދަތުރުދާނެ ރަށެއް ބޭނުންވާކަމަށާއި، އައިސް ޕްލާންޓްއެއް ބެހެއްޓި ނަމަވެސް ބަނދަރު ކުޑަވުމުން އައިސް ޕްލާންޓް ބޭނުންކުރުމަށް ދަތިތަކެއް ފާހަގަކުރެވިފައިވާތީ، އައިސް ޖެޓީއެއް ގާއިމްކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަދި، ރަށުގެ އާބާދީއާ އެކަށޭނަ މިސްކިތަކާއި، ޕޮލިސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތަކާއި ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ބައެއް ދަތިތައް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.