ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހުމަދު، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ”ދޮރުން ދޮރަށް“ ކެމްޕެއިން ކުރައްވަން ވަޑައިގަތުމުން، އެކަމަނާގެ ފިރިކަލުންނަށް ވޯޓު ނުދޭނެ ކަމަށް ބުނެ އަޑު އުފުލައިފިއެވެ.
ފަޒްނާ އާއި ދެކޮޅަށް އަޑު އުފުލަން ނުކުތް މީހުން ގޮވާލަމުން ދިޔައީ، ”ޗޯރުގެ ވެރިކަން ނިމެނީ“ ކަމަށެވެ.
ހިޔާ ފްލެޓްތަކުގެ ރައްޔިތުން ފަޒްނާއަށް ހޫނު މަރުހަބާއެއް ކިޔުމުގެ ބަދަލުގައި، އެކަމަނާއާއި ދެކޮޅަށް އަޑު އުފުލިއިރު، ރައީީސް ޔާމީންގެ ސަރުކާރުން ފެށި ”ހިޔާ“ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް، މި ސަރުކާރުން ދިނީ ފިނިޝިން ވެސް ނުނިންމައެވެ. ކުރީ ސަރުކާރުން ނިންމާފައި އޮތީ، ފްލެޓްތައް ފިނިޝިން ވެސް ނިންމާފައި ދޭށެވެ.
އަދި ކުރީ ސަރުކާރުން ކުލީގެ ގޮތުގައި 5،600 ރުފިޔާ ކަނޑައެޅިއިރު، މި ސަރުކާރުން ކުލި ވެސް ބޮޑު ކުރީއެވެ.
އޭރުގެ ހައުސިން މިނިސްޓަރު، އަދި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވަނީ، ފްލެޓްތައް ނިންމަން ދިޔަ އެވްރެޖް ޚަރަދު ދެއްވައި، 5600 ރުފިޔާ އަށް ކުލި ވެސް ކުޑަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
