މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓްކޮށްފިއެވެ.

މިއަދު ހެނދުނު 9:00 ގައި ފަށަން ތާވަލުކުރި ޖަލްސާ ފެށުން ވަރަށް ބޮޑަށް ލަސްވެގެން ދިޔައީ މަޖިލީހުގެ ކޯރަމް ހަމަނުވުމުންނެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެތައް ފަހަރެއްގެ މަތިން ޖަލްސާ ފަށަން މަސައްކަތް ކުރެއްވިއެވެ.

އެހެންނަމަވެސް އެމްޑީޕީ މެމްބަރުން ތަޅުމަށް ވަޑައިގަންނަވަން ދެކޮޅު ހައްދަވައި މަޖިލިސް ކުރާ ގޭގެ ގޯތި ތެރޭގައި ތިއްބެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

10:15 ގައި މަޖިލިސް ޖަލްސާ އަށް ވަޑައިގެން ނަޝީދު ވިދާޅުވީ އެޖެންޑާއާއި ގުޅޭގޮތުން ޝަކުވާއެއް ލިބިފައިވާ ކަމަށެވެ.

އެއީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާފައިވާ ޤަރާރުގެ ބަހުސް އެޖެންޑާ ކުރުމުން ލިބިފައިވާ ޝަކުވާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ނަޝީދު ވިދާޅުވީ އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލަ އެޖެންޑާ ކުރެއްވީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.