އެމަނިކުފާނަށް ތާއީދުކޮށް، ކެމްޕެއިން ކުރާއިރުވެސް، އަމަލާއި ބަހުން ރިވެތި މިސާލު ދެއްކެވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

މުއިއްޒު މިކަމަށް އެދިވަޑައިގެންފައި މިވަނީ އެމްޑީޕީގެ ކެމްޕޭންގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން އިއްޔެ ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދަށް ވަޑައިގަތުމުން ބަޔަކު އެކަމަނާއަށް ފުރައްސާރަކޮށް ހުރަސްއަޅާފައި ވަނިކޮށް، ރޭ ށ.ފުނަދޫގައި ވާހަކަ ދައްކަވަމުންނެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި އެކަމަނާއަށް ހުރަސް އެޅީ މުއިއްޒުއަށް ތާއީދުކުރާ ބަޔަކެވެ. ނަމަވެސް ފަޒްނާއަށް ”ބާޣީ ފަޒްނާ“އޭ ގޮވި މީހަކު ބުނީ، 1988 ‏ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ދިން އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނީ ފަޒްނާގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއީލް މަނިކު ކަމަށް ވެފައި، އެ ދުވަހު އޭނާގެ ބައްޕަ މަރައިލައި، ކަނޑަށް އެއްލައިލި ހަނދާން އާ ވުމުން، ޖަޒުބާތުގައި ޖެހި، އެހެން ގޮވުނީ ކަމަށެވެ.

ފަޒްނާއާއި ދެކޮޅަށް އަޑު އުފުލި އުފުލުމަށް އިޝާރާާތް ކުރައްވައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަޕޯޓަރުން ދަށު ދަރަޖައަށް ވެއްޓި ވާދަވެރިންނަށް ހުރަސްއެޅުމަކީ ކޮށްގެން ވާނެ ކަމަށެވެ.

”އަޅުގަނޑުމެން ވާންޖެހޭނީ އެ މީހުން އެ ވެއްޓޭ ދަރަޖައަށް ނުވެއްޓޭ ބަޔަކަށް. އަމަލާއި ބަހުން ރީތި މިސާލު ދައްކާ ބަޔަކަށް،“ މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކަކު އަނެކަކަށް އިހްތިރާމު ކުރުމުގެ އާދައަކީ ދިވެހިންގެ ތެރޭގައި ކުރިން އޮތް ރީތި އާދައެއް ކަމަށެވެ. ނަމަވެސް މިހާރު އެއާދަ ގެއްލިފައިވާތީ އަނބުރާ އެއާދަ ގެނެސްގެން ނޫނީ ދިވެހިންނަށް ހަމަޖެހުމެއް ނެތް ކަމުގައި ވިދާޅުވިއެވެ.