ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ މިހާރު ދަ ޑިމޮކްރެޓްސް ކަމަށާއި މައިނޯރިޓީ ލީޑަރަކީ މެންބަރު އަލީ އާޒިމް ކަމަށް މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ހާމަ ކުރައްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސް ނަޝީދު ވަނީ މަޖިލީހުގައި މިވަގުތު އަމިއްލަ ގޮތުން ތިއްބެވި 10 މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގެންކަމުގެ ލިޔެކިޔުން މަޖިލީހަށް ހުށަހަޅުއްވާފައިވާތީ މަޖިލީހުގެ ޕާޓީތަކަށް އައިސްފައިވާ ބަދަލު ހާމަކުރައްވާފައެވެ.

އެގޮތުން ދަ ޑިމޮކްރެޓްސްއާ ގުޅުނުކަމުގެ ލިޔުން މަޖިލީހަށް ހުށަހަޅުއްވާފައިވާ 10 މެންބަރުންނަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު، މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވިލުފުށި ދާއިރާގެ މެންބަރު ހަސަން ލަތީފް، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދުކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި ބަދަލާއިއެކުގައި، މަޖިލީހުގެ ދަފްތަރުގައި އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުން އެބަތިއްބެވިއެވެ. އަދި ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން ތިއްބެވިއިރު، ޕީޕީއެމްގެ 5 މެންބަރުންނާއި، ޕީއެންސީ 3 މެންބަރުން އެބަތިއްބެވިއެވެ.

އަދި އެމްއެންޕީގެ 3 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ 2 މެންބަރުން، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ 3 މެންބަރުން ތިއްބަވައެވެ.