ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ޤަރާރުގެ މަސައްކަތް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރިޔާސަތުން ނިންމަވައިފިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ޤަރާރު މަޖިލީހަށް ހުށައަޅުއްވަމުން އިލްޔާސް ވަނީ، މިއީ އަނެއްކާވެސް ނިޒާމީ ވޯޓެއް ނެގުމަށް އެންމެ ރަނގަޅު ވަގުތުކަމަށް ވިދާޅުވެފައެވެ.

އެކަމާއި ދޭތެރޭ ރައްޔިތުން ދެކޭ ގޮތެއް ބަލަންޖެހޭކަމަށް ވިދާޅުވެ، އޭނާ ހުށަހަޅުއްވައިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އާއްމު ހިޔާލު ހޯދުމުގެ ވޯޓަށް އެހުމަށެވެ.

އިލްޔާސް ހުށައެޅުއްވި ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޤަސްދު ކުރައްވާކަން ފާހަގަކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ، އުއްމީދު ކުރައްވަނީ މައްސަލައިގެ ބަހުސް މިއަދު ނިންމައި، މުޅި މަޖިލީހުގެ ކޮމިޓީއަށް އެމައްސަލަ ގެންގޮސް އަލުން އަނބުރާ ތަޅުމަށް ހުށައެޅުމަށްފަހު މައްސަލައިގެ ވޯޓަށް އެހުމަށް ކަމަށެވެ.

އަދި މިއަދުގެ އަމާޒަކީ ނިޒާމީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމާއި ހަމައަށް މަޖިލީސް ކުރިއަށް ގެންދިއުންކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވައެވެ.