ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އެމަނިކުފާނަށް އަދިވެސް އިންސާފު ނުލިބޭ ކަމަށާއި އެކަން ކޮށްދޭނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރޭ މާފަންނުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ސަރުކާރު ވާނީ އިންސާފަށް މަސައްކަތް ކުރާ ސަރުކާރަކަށް ކަމަށެވެ.
އެގޮތުން، ހަގީގީ މާނާގައި ޝަރުއީ ދާއިރާ މިނިވަންކޮށް، ވަކި މީހަކަށް ބެލުމެއް ނެތި ހަމަހަމަ ކަމާ އެކު، އެންމެނަށް އިންސާފު ގާއިމްކޮށްދެއްވުމަށް ވައުދުވެވަޑައިގެންނެވިއެވެ.
މުއިއްޒު ވިދާޅުވީ ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދޭން މި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.
”އިރާދަކުރެއްވިޔާ އެމަނިކުފާނަށް ވެސް އިންސާފު ގާއިމްކޮށްދޭނީ އަޅުގަނޑުމެންގެ ސަރުކާރެއްގައި“ މުއިއްޒު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް މާލޭގެ މަޖީދީ މަގުގައި ދިން އަނިޔާވެރި އުދުވާނީ ހަމަލާގެ މައްސަލަ، މި ސަރުކާރުން ސަމާލުކަން ދީގެން ބަލާފައިނުވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
