ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި ހުރިހާ މުހައްޒަފުންނަށް މި އަހަރުގެ މޭ ފުރަތަމަ ދުވަހުން ފެށިގެން އެ އެލަވަންސް ހަމަޖެހިގެން ދިޔައިރު މީގެ ތެރޭގައި ލޯކަލް ކައުންސިލުތަކުގެ މުވައްޒަފުން ނުހިމެނޭ ކަމަށެވެ.

އެގޮތުން މިކަމުގައި ކައުންސިލުތަކުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް، ކައުންސިލުތަކުގެ މުވައްޒަފުންނަށްވެސް އޮކްޓޫބަރު ފުރަތަމަ ދުވަހުން ފެށިގެން މި 35 ޕަސަންޓް އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ހަމަ އެހެންމެ ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 ޕަސަންޓް އެލަވަންސް ހަމަޖެހިގެންދިޔައިރު ލޯކަލް ކައުންސިލްގެ މުވައްޒަފުން ހިމެނިފައި ނުވާތީ މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި ހުރި ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމަށްފަހު ކަަމަށް މިއުވާން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ މި އެލަވަންސް ނުލިބުމަކީ ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށެވެ.