ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި، އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނަވާނީ، ސަލަފު ޖަމުއިއްޔާގެ ބޭފުޅެއް ނުވަތަ އެ ޖަމުއިއްޔާއިން އެދޭ ބޭފުޅެއް ކަމަށް ބުނެ ފަތުރާ ވާހަކަތަކަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ޖަވާބު ދެއްވައިފިއެވެ.

ސަންގު ޓީވީގެ ”އާސްކް މުއިއްޒު“ ޝޯގައި، ރޭ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ ނަތީޖާ ނެރެދެއްވަން ކަމަށާއި، ރައްޔިތުން އެދޭ ވެރިކަމެއް ކޮށްދެއްވަން ކަމަށެވެ.

”އަޅުގަނޑުމެން ގާއިމު ކުރާ ކެބިނެޓްގަ ތިބޭނީ، އިރާދަކުރެއްވިއްޔާމު، އެ ދާއިރާތަކުގެ ތައުލީމް ލިބިފަ ތިބި، އެ ދާއިރާތަކުގެ ތަޖުރިބާ ހޯދާފައި ތިބި، އަދި އިރާދަކުރެއްވިއްޔާމު ވަރަށް ހީވާގި ކަމާއެކީގައި މަސައްކަތް ކުރާނެ މީހުން.“ އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެޑިއުކޭޝަން މިނިސްޓަރަކަށް ވެވަޑައިގަންނަވާނީ އެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ކަމަށެވެ.

”އެގޮތަށް ނުބަލާ، ހަމަ ވަކި މީހަކު ބުނާ މީހެއް ލައިގެން، އަޅުގަނޑު ނޫޅެން މިގޮތަށް ކަންކަން ކުރާކަށެއް.“

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ވެރިކަމަށް ކުރިމަތިލެއްވީ، ވަރަށް ސީރިއަސްކަމާއިއެކުގައި ކަމަށާއި، ހަގީގީ މާނައިގައި، ރައްޔިތުންނަށް ކުރިއެރުން ގެނެސްދިނުމަށް ބޭނުންފުޅުވެލައްވާ ކަމުގައެވެ.