ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން ނިންމަވައިފިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ފާރިސްއަށް 2،993 ވޯޓް ލިބިވަޑައިގެންފައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ އޭނާގެ ޓީމުން ހުށަހެޅި ކަންކަމާ ގާތްކުރާ މެނިފެސްޓޯއެއް އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ.

ފާރިސް އިތުރަށް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާއަށް ތާއީދު ކުރި މީހުންގެ ހިޔާލު ހޯދުމުން އެމީހުންގެ ވިސްނުން ހުރީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރާ ގޮތަކަށް ނޫން ކަމަށެވެ.

”އަޅުގަނޑުމެން ދެކޭގޮތުގަ އަޅުގަނޑުމެންގެ ގައުމަށް މި ގެންނަން ޖެހޭ އިސްލާހުތަކަކީ މުޅި ސިސްޓަމަށް ގެންނަން ޖެހޭ އިސްލާހުތަކެއް. މިކަންކަން ހާސިލް ކުރުމަށްޓަކައި ސީދާ މިހާރު އުފެދިފަ ހިނގަމުންދާ ބޮޑު ސިޔާސީ ޕާޓީގެ ތެރެއިން ނިކުމެވަޑައިގަންނަވާ ކެންޑިޑޭޓަކަށް ނޫނީ އިންތިހާބުވާ ރައީސްއަކަށް ކުރައްވަން ދަތިފުޅުވާނެ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ،“ ފާރިސް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ފާރިސް ނިންމެވިއިރު، ސަރުކާރާއެކު މިހާރު ވެސް ކޯލިޝަން ހަދާފައިވާ ޖުމްހޫރީ ޕާޓީ(ޖޭޕީ) އިން ވެސް ނިންމީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.