ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާއަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން ހުއްދަ ދިނުމުން ފުރާވަޑައިގެންފައިވަނީ ޖުލައި މަހުގެ  11 ވަނަ ދުވަހުއެވެ.

އޭގެފަހުން އަދީބުގެ ބޭސްފަރުވާގެ މުއްދަތު 2 ފަހަރަށް އިތުރުކޮށްފައިވެއެވެ.

އެގޮތުން އެންމެ ފަހުން ދީފައިވާ މުއްދަތު ހަމަވެފައިވަނީ މިމަހު 15 ވަނަ ދުވަހަށެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ އެ މުއްދަތު އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްދީފައިވާކަމަށެވެ.

އަދީބުގެ ބޭސްފަރުވާގެ ކަންކަމާ ގުޅިގެން އޭނާ ނިސްބަތްވާ އެމްޓީޑީން މީގެކުރިން ބުނެފައިވަނީ އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ ފުރާނައަށް ނުރައްކާވާ ޒާތުގެ، ނާރުގެ ބައްޔަކަށް ފަރުވާ ކުރުމަށް ކަމަށެވެ.