ނ.ހެނބަދޫގެ ބިން ހިއްކޭނެ އެންމެ ބޮޑަށް ހިއްކަވައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ިމި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު މުއިއްޒު ގެންދަވަނީ ނ.އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. އެ އަތޮޅު ހެނބަދުއަށް މެންދުރު ވަޑައިގެން، ސަޕޯޓަރުންނާއި ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ ރަށުގެ ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އެޅުމާއިއެކުގައި، ރަށުގެ ސިއްހީ މަރުކަޒު ވެސް، ލެބޯޓްރީގެ ހިދުމަތާއިއެކުގައި އަޕްގްރޭޑް ކޮށްދެއްވާނެ ކަމަށެވެ.

ގްރީން ޓެކްސް އިން ލިބޭ ފައިސާ އިން ކުނި މެނޭޖް ކުރެވޭނެ ގޮތް ހެދުމަށާއި، ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ކޮންމެ ރަށެއްގައި ވެސް، އެމަނިކުފާނު ވައުދުވަމުން އަންނަކަން ފާހަގަކުރައްވައި، ހެނބަދޫގައި ވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑުމެން މިހާރު ލިސްޓު ކުރަމުން މިދަނީ މިސްކިތްތައް ބޭނުންވާރަށްތައް. މި ރަށުގައި ވެސް ހަމަ އެކަށީގެންވާ، އާބާދީއަށް އެކަށީގެންވާ ވަރުގެ، އިތުރު މިސްކިތެއް އަޅައިދޭނެ ވާހަކަ ދަންނަވަން.“ މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، ކުޑަކުދިން ބޭނުންވާ ފަދަ ޕާކުތައް އެޅުން ފަދަ މަޝްރޫއުތައް ވެސް ހިންގަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.