ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހުށަހަޅާފައިވާ ގަރާރު މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ ރޭހަށް ނުކުންނެވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި މި ގަރާރު ފާސްކުރީ މަޖިލީހަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ ވޯޓުންނެވެ.
މަޖިލީހުގައި އެ ވަގުތު 34 މެމްބަރުން ތިއްބެވިއެވެ. ތިން މެމްބަރަކު ވޯޓުގައި ބައިވެރިއެއް ނުވެއެވެ.
މި ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިހާބުވާނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު އެމީހަަކަށް ލިބިގެންކަމަށްވާއިރު، މިހާތަނަށް ރިޔާސީ އިންތިހާބަކަށް ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު ކާމިޔާބު ކުރެވިފައި ނުވާކަމަށެވެ.
ގަރާރުގައި ވަނީ އޮކްޓޯބަރު 30 ގައި ވޯޓު ނަގަން ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ ނިސްބަތްވާ ޑިމޮކްރެޓްސް އިން ފާސްކޮށްފައިވަނީ މި މަހުގެ 28 ގައި އެ ވޯޓު ނެގުމަށް ހުށަހެޅުމަށެވެ.
