ދިވެހި ސަރުކާރަށް އެއްވެސް ކަމެއްގައި އަމިއްލަ ބަސް ނުބުނެވޭ ކަމަށާއި، ކޮންމެ ކަމެއް ވެސް އެހެން ބައެއްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރިޔާސީ ކެމްޕެއިނުގައި، މިރޭ ރ.ހުޅުދުއްފާރުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުން އެހެން ބައެއްގެ ހުއްދަ ނަގަން ޖެހުމުން، ސިޔާސީ މިނިވަންކަން ނެތްކަން ހާމަކޮށްދޭ ކަމަށެވެ.
”ރަސްމީކޮށް މިނިވަންކަން އެބައޮތް، އެކަމަކު އަމަލީ ގޮތުން، ޕްރެކްޓިކަލީ ނެތް މިނިވަންކަމެއް.“ އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ޒަމާނީ ޑިމޮކްރަސީ ތައާރަފުވުމުގެ މާކުރިން ވެސް ރާއްޖެ އަކީ މިނިވަން ގައުމެއް ކަމަށާއި، ރާއްޖޭގައި އޮތީ އަމިއްލަ ބާރު ހިނގާ ހާރިޖީ ސިޔާސަތެއް ކަމަށެވެ. އަދި މި ސަރުކާރު އައުމާއި ހަމައަށް ވެސް، ރާއްޖެ އަކީ ވަކި ގައުމެއްގެ ދަށުވެފައިވާ ގައުމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކައިގައި ވަކި ގައުމެއްގެ ނަން ވިދާޅުނުވިޔަސް، ބެލެވޭ ގޮތުގައި އެ ވިދާޅުވީ ރާއްޖޭގެ މައްޗަށް އޮންނަ އިންޑިއާގެ ނުފޫޒުގެ ވާހަކައެވެ. މި ސަރުކާރުން ވަނީ އިންޑިއާއާއިއެކުގައި ސިއްރު އެއްބަސްވުންތަކެއް ހަދައިފައެވެ.
