އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތީ ދިވެހި ގައުމު އިސް ކުރުމުގެ ސިޔާސަތު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ިރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، ރޭ ރ.ހުޅުދުއްފާރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ހާރިޖީ ސިޔާސަތަކީ ގައުމުގެ މިނިވަންކަން ޔަގީން ކޮށްދޭނެ ސިޔާސަތު ކަމަށާއި، މިކަން ތަންފީޒު ކުރުމަށް މި މަހުގެ 30 ވަނަ ދުވަހު ނަގާ ވޯޓުގައި، އެމަނިކުފާނަށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.

”ދިވެހީންގެރާއްޖެ އަކީ، މާ ރީތި ނަމަކަށް ވެގެން، އަޅުގަނޑުމެން ހިޔާރު ކުރި ޝިއާރެއް ނޫން. އެއީ ދިވެހީންގެ އަތުން، ދިވެހީންގެ ރާއްޖެ ބީވެގެން ދިޔައީމަ، މި ގައުމު ސަލާމަތްކުރެއްވި އަބްތާލުން ކުރެއްވި ޖިހާދުގެ ނަތީޖާ، ދިވެހީންގެ ރާއްޖެ އަނބުރާ ލިބުން.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އެއްވެސް ކަނޑިއެއް، އަދި ބަޑިއެއް ބޭނުންކުރުމަކާއި ނުލައި، ދިވެހީންގެ އަތުން، ދިވެހީންގެރާއްޖެ ގެންގޮސްފައިވާ ކަމަށެވެ. މިކަމުން އަރައިގަތުމަށްޓަކައި، އެންމެން ގުޅިގެން، ގައުމީ މަސައްކަތެއް ކުރަންޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.