ހުޅުމާލޭގެ ދެވަނަ ފިޔަވަހި، ނުވަ ހަފްތާގެ ތެރޭގައި ހިއްކައިގެން ހިންގި ”ހިޔާ މަޝްރޫއު“ އަކީ ސަރުކާރަކުން ރާއްޖޭގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުއެވެ. އެއްފަހަރާ އެންމެ ގިނަ ބަޔަކު ގެދޮރިވެރި ކުރުވި މަޝްރޫއުއެވެ.

މި މަޝްރޫއު ހިންގެވީ ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އޭރުގެ ހައުސިން މިނިސްޓަރު، އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ، އެ ފްލެޓްތައް ފިނިޝިން ނިންމާފައި، 5،600 ރުފިޔާއަށް ދިނުމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުގައި، ހިޔާގެ ފިނިޝިން އަށް ބޭނުންވާނެ ލޯނު ވެސް އޮތީ ހަމަޖައްސައިފައެވެ. ނަމަވެސް ސަރުކާރުން ފްލެޓްތަކުގެ ފިނިޝިން ނުނިންމައި، ކުލި ވެސް ބޮޑު ކުރީއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ، ހިޔާ ފްލެޓްތައް ކަމުދަނީ ހަމައެކަނި ފޮޓޯ ނަގާލަން އެކަނި ކަމަށް ވިދާޅުވެ، ފްލެޓްތައ ލިބުނު ރައްޔިތުންނަށް ”މަލާމާތް“ ވެސް ކުރައްވައިފައެވެ.

ތިރީގައި މި ވަނީ، 2020 ވަނަ އަހަރުގެ ޖޫން މަހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި، ރައީސް ސޯލިހު ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ވިދާޅުވި ބަސްކޮޅެކެވެ.

”އެހެންނަމަވެސް، އަޅުގަނޑުގެ ހިތެއްނުބުނޭ، އެތަނަށް ވަދެފައި، އޭގެތެރެއިން 80 ޕަސެންޓް މީހުންވެސް އެތަނުގައި ދިރިއުޅެން ކަމުދާ ތަނެއްގެ ގޮތުގައި ގަބޫލުކުރާނެއެކޭ. އަދިވެސް އަޅުގަނޑު ގަބޫލެއްނުކުރަން. އެހެންވެގެން އަޅުގަނޑުމެން އުޅުނީ އެތަނަށް ބަދަލުތަކެއް ގެންނަން. ތިޔަބޭފުޅުންނަށް އެތަން ދައްކާލަން އަޅުގަނޑުމެން ގެންދާނަން. ބޭރަށް ވަރަށްރީތި. ފޮޓޯ ނަގަން ވަރަށްރީތި އިރުއޮއްސިގެން އަންނަ ގަޑީގައި. އެހެންނަމަވެސް، މީހުން ދިރިއުޅޭކަށް އެންމެ ރަނގަޅު ތަނެކޭ އަޅުގަނޑު އަދިވެސް ނުދަންނަވާނަން.“

ހިޔާގެ ރައްޔިތުން މިއަދު ވެސް ސޯލިހު އޭރު ދެއްކެވި ވާހަކަތައް ހަނދާންކޮށް، އެކަމަށް ފާޑު ކިޔައެވެ. ހިޔާ މަޝްރޫއުއަށް ސަރުކާރުން ހަޖޫ ޖައްސަވަމުން ދިޔައިރު، އެއަށްވުރެ ރަނގަޅު މަޝްރޫއުއެއް ނުހިންގަވާކަން ވެސް ގިނަ ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ.