އިންސާނުންނަކީ ނުހަނު ގިނައިން އެކި ކުށްތަކަށް އަރައިގަނެވޭ ބައެކެވެ. އެހެންކަމުން ގިނަ ގިނައިން ކުށުން ތައުބާ ވުމަކީ ކުރަން ޖެހޭ ކަމެކެވެ. ބައެއް މީހުންގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ.
”މާތް ރަސްކަލާނގެ އަހަރެންގެ ތައުބާ ގަބޫލު ކުރެއްވިކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟“
މި ސުވާލުގެ ޖަވާބުގައި ދީނީ އިލްމުވެރިޔާ ޑރ.ޒާކިރު ނައިކް ވިދާޅުވަނީ، ތިބާގެ ތައުބާ ގަބޫލު ކުރެއްވިކަން އެނގޭނެ ކަންތައްތަކެއް ހުންނަ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ ތިބާ ތައުބާވި ކުށުން ދުރުވުން ކަމުގައެވެ. އަދި ހެޔޮ އަމަލުތައް ކުރުން ގިނަވުން ކަމުގައެވެ.
މިސާލަކަށް ތިބާ ތައުބާވީ ވައްކަން ކުރުމުގެ ކުށަށް ނަމަ، ތައުބާވުމަށްފަހުގައި، ކުރިން ތަކުރާރުކޮށް ކުރަމުންދިޔަ އެކުށުން ބަރީއަވެވިފައިވާނަމަ، އެއީ ތިބާގެ ތައުބާ ގަބޫލު ކުރެއްވިކަމަށް ގަބޫލު ކުރެވިދާނެ ސަބަބެއް ކަމަށެވެ.
ޑރ.ޒާކިރު ނައިކު ވިދާޅުވި ގޮތުގައި، ހެއްދެވި ފަރާތަށް ބިރު ގަތުމަކީވެސް ތައުބާ ގަބޫލު ކުރެއްވުމުގެ އަލާމާތެކެވެ. ތިންވަަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ކުރިން ކުރެވުނު ފާފަތައް މަތިން ހަނދާންވެ، އެކަމާ ދެރަވެ، ފަހުންވެސް އެ ފާފަތައް ފޮހެވިގެންދޭތޯ ދުއާ ކުރުން މަތީގައި ދެމި ހުރުމެވެ.