އެމަނިކުފާނުގެ ސަރުކާރުން ރަށްރަށަށް ތަރައްގީ ގެންނާނީ، އެ ރަށެއްގެ ރައްޔިތުން ވޯޓުދެއްވާ ގޮތަކަށް ބަލައިގެން ނޫން ކަމަށާއި، އެމަނިކުފާނު ވެވަޑައިގަންނަވާނީ ރައްޔިތުންނަށް ނަތީޖާ ނެރެދޭނެ ”ޗޮއިސް“އަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރ.މާކުރަތުގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، އެއްވެސް ތަފާތުކުރުމެއްނެތި ހުރިހާ ރަށަކަށް ތަރައްގީ ގެނެސްދޭނީ، ލާމާރުކަޒީ އުސޫލުން ކައުންސިލްތައް ޒިންމާ ކުރުވައިގެން ސީދާ ގާތުން މަސައްކަތްތައް ބަލަމުން ކަމަށެވެ
”މި ރަށުގައި ކުރަންފަށައި، ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށައި އިރާދަކުރެއްވިއްޔާ ވަރަށް ބާރަށް ކުރިޔަށް ގެންގޮސް ދޭނަން. އަދި ބަދަލެއް ގެންނަން ރައްޔިތުން އެދޭގޮތެއް އޮތްނަމަ އެކަމެއްވެސް ބަލައި ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކޮށްދޭނަން.“ އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވަނީ މާކުރަތުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.
”ރަށުގެ ޒުވާނުންތިބީ ވަރަށް ޖޯޝުގައިކަން އެނގޭ. އެހެންކަމުން މިރަށުގައި އޮތް ފުޓްސަލް ދަނޑަށްވުރެ ރަނގަޅު ފެންވަރެއްގައި އެ ދަނޑު ތަރައްގީ ކޮށްދީ އަދި ޒުވާނުންގެ މަރުކަޒެއް ގާއިމް ކޮށްދޭނަން.“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކައިގައި ސަރުކާރު ބަދަލުވިޔަސް، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
”މިއަދު ތިޔަބޭފުޅުންގެ ކުރިމަތީގައި އޮތީ 2 ޗޮއިސްއެއް. މި އޮތްގޮތަށް ކަންކަން ބާއްވާނީތޯ ނުވަތަ ނަތީޖާ ނެރޭވޭނެ ބަދަލެއް ގެންނާނީތޯ.“
މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވެގެންދާނީ ނަތީޖާ ނެރެދެއްވާނެ ޗޮއިސްއަށް ކަމަށެވެ.
