ޕީޕީއެމް-ޕީއެންސީގެ ފަސް އަހަރުގެ ވެރިކަން ނިމޭއިރު، ގޯތީގައި ގެ ނޭޅޭ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރޭ ހދ.ކުޅުދުއްފުށި ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެއަށް އެންމެ މުހިންމު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަން ފާހަގަކުރައްވައި މުއިއްޒު ވަނީ، އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކަމަށް ވިދާޅުވެފައެވެ.

”މުޖްތަމައުގައި ހުރި ހުރިހާ އިޖްތިމާއީ މައްސަލަތަކެއް ހައްލުވާނީ ގެދޮރުގެ މައްސަލަ ހައްލުވެގެން. މިސިޓީގައި 2000 (ދެ ހާސް) ހައުސިންގ ޔުނިޓްގެ މަޝްރޫއެއް ކުރިއަށް ގެންދާނަން.“

އެމަނިކުފާނު ވިދާޅުވީ، ގޯތީގައި ގެދޮރު ބިނާކުރުމަށް ތައާރަފު ކުރާ އެކިއެކި ލޯނުތަކުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށާއި، އޭގެ ތެރޭގައި ހޯމް ސްޓާޓާރ ލޯނާއި، ގެދޮރު އިމާރާތްކުރަން ފަށާ ހުއްޓިފައިވާ ފަރާތްތަކަށް ދޫކުރާ ލޯނާއި، ރިނޮވޭޝަން ލޯން ސްކީމް ވެސް ހިމެނޭ ކަމަށެވެ.

”މި ލޯނުތައް ދޫކުރާނީ ގާނޫނުތައް ހަދައިގެންނާއި ހުރި ގާނޫނުތައް އިސްލާޙުކޮށްގެންނާއި ބޭންކް ނިޒާމަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްގެން.“ އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވަނީ މި ލޯނުތަކުން މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފައިދާކުރާނެކަމަށާއި، ގެދޮރު ބިނާކުރުމަށް ހައުސިން މަޝްރޫއުގެ އިތުރުން ކޮންމެ ގޯއްޗެއްގައި ގެދޮރު ބިނާކުރުމަށްޓަކައި ފަހި ފުރުސަތުތަކެއް ހޯދައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

”އަޅުގަނޑުމެންގެ ފަސްއަހަރު ނިމޭއިރު ގޯތީގައި ގެ ނޭޅިފައި އެއްވެސް ރައްޔިތަކު ނުހުންނާނެ.“

މުއިއްޒުގެ މެނިފެސްޓޯގައި 19 ބާބެއް ހިމެނޭއިރު، އެންމެ އިސްކަމެއް ދެއްވައިފައިވަނީ ގެދޮރުވެރިކަމަށެވެ.